ޚަބަރު ރާއްޖެ

ގައުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގައި ލިޔުންތެރިން މުހިންމު ދައުރެއް އަދާކުރޭ: މޭޔަރ އާޒިމް

ލިޔުންތެރިންނަކީ ގައުމުގެ މުސްތަގުބަލް ބައްޓަން ކުރުމުގެ ވަރަށް ބޮޑު ބާރަކާއި ނުފޫޒެއް އޮތް ބަޔެއް ކަމުގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާއިގުޅިގެން އެމަނިކުފާނުގެ އަމިއްލަ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ހިއްސާކުރެއްވި ފޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި އަންނައޮތް ޖީލު ހެޔޮގޮތުގައި ބައްޓަންކުރުމަށް މަގުފަހިވާގޮތަށް ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރުން ވަރަށް ވެސް މުހިންމުކަން ފާހަގަކުރައްވައި، ވަނީ އަންނައޮތް ޖީލު، ހެޔޮގޮތުގައި ބައްޓަންކުރުމަށް މަގުފަހިވާގޮތަށް ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރެއްވުމަށް އެދިވަޑައިގެންފައެވެ.

 

މީގެއިތުރުން ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހާއި ތާރީހާއި ސަގާފަތާއި އާދަކާދައާއި ދިވެހި ވަންތަކަން ނަގަހައްޓައި ދެމެހެއްޓުމުގެ އަގުހުރި ބުރަ މަސައްކަތްކުރައްވާ ހިތްވަރުގަދަ ދިވެހި ލިޔުންތެރިންނަށް ދުވަހުގެ ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.

 

ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ.

 

"އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ އަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.

 

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް