ރާއްޖޭގެ ގައުމީ އެއަރލައިން ދަތުރުތައް ޗައިނާގެ ޝެންޖެންއަށް ފަށައިފިއެވެ.
މިދަތުރުތައް މިއަދު ފެށިއިރު، ފުރަތަމަ ފްލައިޓުގައި 146 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި ފަތުރުވެރިންނަށް ވަނީ ރަތް ފިނިފެންމަލުން މަރުހަބާކިޔާފައެވެ.
ސީޒަނަލްކޮށް ފެށި މި ދަތުރުތައް އަންނަ އޮގަސްޓް 21 ވަނަ ދުވަހާއި ހަމައަށް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ހަފުތާއަކު ދަތުރެއް ކުރުމަށް ތާވަލުކޮށްފައި ވެއެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެތެރޭގައި މޯލްޑިވިއަނުން ވަނީ ޗައިނާގެ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީ އަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ކުރަނީ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައެވެ.
ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުކަމަށް ތަފާސްހިސާބުން ދައްކާއިރު، މިއަހަރުގެ މިހާތަނަށް ވެސް އެގައުމުން 150،000 އަށްވުރެ އިތުރުކަމަށް ދައްކައެވެ.