މާލޭގައި ބިދޭސީންގެ ވިޔަފާރި އެންމެގިނަ އެއްސަރަހައްދުކަމަށްވާ ދިލްބަހާރުމަގު ހިމެނޭ ސަރަހައްދުގައި އިމިގްރޭޝަންގެ ޓާސްފޯސް އިން ރެއިޑެއް ޖަހައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި ރެއިޑް ޖެހީ އިއްޔެ ހަވީރުކަމަށެވެ. އަދި މިއީ ވިޔަފާރިކުރަމުންދާ ފަރާތްތަކާ ގުޅޭގޮތުން ގިނަ އަދަދަކަށް ރިޕޯޓު ލިބިފައިވާ ސަރަހައްދެއް ކަަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މާލޭގެ ދިލްބަހާރުމަގުގައި ހިމެނޭ ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނުން، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 31 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެ، ހުއްދަ ނުނަގާ ވިޔަފާރިކުރަމުންދާ ފަރާތްތައް ހޯދުމަށް އިމިގްރޭޝަނާއި ކަމާއިބެހޭ އިދާރާތައް ގުޅިގެން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި އެފަދަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، ބައެއް ފަރާތްތައް ޑީޕޯޓު ވެސް ކުރެއެވެ.