ޚަބަރު ރާއްޖެ

ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަބޮޑު

ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަބޮޑުވެފައިވާކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

 

މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުން ދައްކާގޮތުގައި ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އެ އިދާރާގެ ޖޫން މަހުގެ މާލީ ރިޕޯޓުގައިވާގޮތުން މިއީ ފައިބެއަހަރުގެ ޖޫން މަހު ލިބުނު 4.3 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 145 އިންސައްތަ އިތުރު އަދަދެކެވެ.

 

މީގެއިތުރުން މިއަހަރުގެ މިހައިތަނަށް 61.5 މިލިޔަން ރުފިޔާ މުދަލުޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، މިއީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ދައްކައެވެ.

 

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ. ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ.

 

އެ މިނިސްޓްރީން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ގެނައި ބަދަލާއެކު މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 9264.15  ރުފިޔާއެވެ.



މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.

 

އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް