އަހަރުތަކެއްގެ މެދުކެނޑުމަށްފަހު، ރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްގީކޮށްފައިވާ މި ކުތުބުޚާނާ މިރޭ ހުޅުވާއިރު، 15،000 އަށްވުރެ ގިނަ ފޮތް އެތަނުގައި އެބަހުއްޓެވެ. މިއީ އިސްލާމީ އިލްމު ހާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވަރސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީ އަދި އަތޮޅުތަކުގައި ގާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.