ޚަބަރު ރާއްޖެ

ރާއްޖޭގެ ދީނީ އިލްމުވެރިންނާ އަދީބުންގެ ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ.

 

ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްގީކުރި ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.

 

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެލެއްވި މި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމްކޮށް، މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ދެންދަވާ ކަމެއްކަމުގައެވެ.

 

މީގެއިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގެ ދީނީ އިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދައުވަތު ދެއްވާފައެވެ. އަދި ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

އިސްލާމީ ކުތުބުޚާނާ ހަގީގަތަކަށްވެ، ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވަނީ މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

 

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތު ވެސް ވަނީ ބަހައްޓާފައެވެ.

 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

 


  • ސަގާފަތާބެހޭ މިނިސްޓްރީ
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް