ޚަބަރު ރާއްޖެ

ރާއްޖެއަށް 4 ފުރޮޅު ލީ އުޅަނދު ދެން އެތެރެކުރެވޭނީ މިނިސްޓްރީން ހުއްދަ ނަގައިގެން

މިއަދުން ފެށިގެން ރާއްޖެއަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރެވޭނީ ހުއްދަ ނެގުމަށްފަހު ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

 

މިގޮތަށް ނިންމަވާފައިވަނީ ރާއްޖެއަށް ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރުމުގެ ގަވައިދަށް ގެނައި ބަދަލުގެ ސަބަބުންނެވެ. މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާހުކޮށް، ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

 

މިއީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނައި 6 ވަނަ އިސްލާހުގެ ދަށުން ގެނައި ބަދަލެކެވެ.



" މި ގަވާއިދު އިސްލާހުކުރުމުގެ މަގުސަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން މިފަދަ ކަންކަން ހިންގުން."

 

މީގެއިތުރުން އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށްވާންޖެހޭނެ ކަމަށާއި އެތަނެއްގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން މިނިސްޓްރީން ނުވަތަ ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަންވާނެކަމަށް ވެސް އިސްލާހުގައި ވެއެވެ. އަދި މިފަދަ އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް ވަނީ ހަމަޖައްސާފައެވެ.

 

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަށް  eportal.mta.gov.mvމެދުވެރިކޮށް މިހާރު ހުށަހެޅޭނެއެވެ. އަދި މި ހިދުމަތަށް އެދޭ ފޯމް އެެ މިނިސްޓްރީގެ ވެބްސައިޓާއި ރިސެޕްޝަނުން ލިބެންހުންނާނެއެވެ.

 


  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް