އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްގީކުރުމަކީ އަމާޒެއްކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިން ފަންގިފިލާގައި އިސްލާމީ ކުތުބުޚާނާ ތަރައްގީކޮށް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުތުބުޚާނާގައި ތުއްތުކުދިންނަށް ހާއްސަ ބަަޔަކާއި އިސްލާމިކް ފައިނޭންސަށް ހާއްސަ ބައެއްވެސް ކުރިއަށް އޮތްތަނުގައި ގާއިމް ކުރައްވާނެކަމަށެވެ. އަދި އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކުރައްވައި، އެކަމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ގާއިމްކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ކުތުބުޚާނާތަކަށް އެކުވެރި ގައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި ކުތުބުޚާނާ ހަގީގަތަކަށްވެ ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުތުބުޚާނާގެ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހިލޭސާބަހަށް މަސައްކަތް ކުރެއްވި ޒުވާން ހަތީބުންނާއި ދަރިވަރުންނަށާއި މިނިސްޓްރީގެ މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައި ވެއެވެ.
ޑރ. ޝަހީމް ވަނީ މިސްކިތްތަކުގައި ލައިބްރަރީތައް ގާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.