ބަންޑާރަ މިސްކިތުގައި ކުރަން ހުރި މަސައްކަތުގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މިއީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.
ބަންޑާރަ މިސްކިތުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާރު އެއްކޮށް ނިންމާލާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ފާހާނާބަރިއާއި ވުޟޫކުރާތަން ރީތިކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިސްކިތަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭހެން ސްލޯޕެއްލުމާއި މިސްކިތުގެ ދިޔަ ދޮވި ބަދަލިކޮށް ރީތި ކުރުމެވެ.
މިހާރު މިސްކިތުގައި ކުރަމުން އަންނަނީ ފިނިޝިންގގެ މަސައްކަތްތަކުގެ ތެރެއިން މިސްކިތުގެ ބައެއް ހޮޅިތަކުގައި ދަވާދު ލުމާއި ކުލަލުމެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެ ސިޓީގެ މިސްކިތްތައް ބޭނުންކުރާ ލޮބުވެތި ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް އެ ތަންތަން ހެދުމަކީ ކައުންސިލްގެ އަމާޒެއް ކަމަށެވެ. އަދި އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކޮށް ބޭއްވުމަށް، ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ.
މީގެއިތުރުން މިހާރު ވެސް މި ފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންއަންނަ ފުރިހަމަ އެއްބާރުލުމަށް ކައުންސިލުގެ ނަމުގައި ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.
ބަންޑާރަ މިސްކިތަކީ މާލޭގެ އެންމެ ކާރޫބާރު ބޮޑު ސަރަހައްދުގައި ހުންނަ މިސްކިތެކެވެ. އެހެންވުމުން ހުރިހައި ނަމާދު ވަގުތަކަށް މި މިސްކިތަށް ވަރަށް ގިނަ ބަޔަކު ނަމާދުކުރަން ދާކަން ފާހަގަ ކުރެވެއެވެ. މިހާރު ފެށިފައިވާ މި މަސައްކަތް ނިމުމުން، މި މިސްކިތަށްދާ ހުރިހައި ފަރާތްތަކަށް ވެސް ހިތްހަމަޖެހުމާއި ފަސޭހަތައް ލިބިގެންދާނެއެވެ.