ޚަބަރު ރާއްޖެ

ތުޅާދޫ ކައުންސިލުގެ 19 ވަނަ ގުރްއާން މުބާރާތް ބާއްވައިފި

ބ. ތުޅާދޫ ކައުންސިލުގެ 19 ވަނަ ގުރްއާން މުބާރާތް ބާއްވައިފިއެވެ.

 

މިއީ އެރަށު ކައުންސިލުން އިސްނަގައިގެން އިސްލާމިކް މިނިސްޓްރީގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފް ފަންޑާއި ގުޅިގެން ބޭއްވި މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ޖުލައި 10 ން 12 ގެ ނިޔަލަށެވެ.

 

މި މުބާރާތުގައި 202 ދަރިވަރުން ބައިވެރިވެފައިވާއިރު، އެއީ 116 އަންހެން ދަރިވަރުންނާއި 86 ފިރިހެން ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގައި 142 ދަރިވަރުން ބައިވެރިވެފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފިން 60 ދަރިވަރުން ބައިވެރިވެފައިވެއެވެ.

 

މުބާރާތުގައި ތުޅާދޫ ސްކޫލުން 25 ދަރިވަރުންނާއި، ރައުޟަތުލް އަޠްފާލް ޤުރުއާން ކްލާހުން 25  ދަރިވަރުން، މަޢުހަދު ނޫރުލް ޤުރުއާން ކްލާހުން 25 ދަރިވަރުން އަދި ތައިސީރުލް ޤުރުއާން ކްލާހުން 25 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި 102  ދަރިވަރުން ވަނީ އަމިއްލަ ގޮތުން މުބާރާތުގައި ބައިވެރިވެފައެވެ.

 

މި މުބާރާތުގެ ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އަލްޤާރީ އިބްރާހީމް ޝިފާޢު، އަލްޤާރީ މުޙައްމަދު ތައުފީޤް ޢަލީ އަދި އަލްޤާރީ ޢަލީ ޝިޔާޒެވެ.

 

މި މުބާރާތަކީ ތުޅާދޫގައި ޤުރުއާން ކިޔެވުމުގެ ރޮނގުން ކުދިންގެ ހުނަރު އިތުރުކޮށް، ޤުރުއާނަށް ޝައުގުވެރިކަން އުފެއްދުމަށް ކޮންމެ އަހަރަކު ބާއްވާ މުހިންމު މުބާރާތެކެވެ. މުބާރާތުގައި ވަނަތަކަށް ހޮވޭ ދަރިވަރުންނަށް އެކި ފެންވަރުގެ އިނާމު ދެވޭނެއެވެ.

 

 


  • ބ. އަތޮޅު
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް