ރާއްޖޭގެ ލޮލުގެ ސިއްހަތުގެ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ލަނޑުދަނޑިތަށް ހާސިލްކުރުމުގެ މަގުޗާޓު އިފްތިތާހުކޮށްފިއެވެ.
މޯލްޑިވްސް ސްޕެކްސް 2030 އިނީޝިއޭޓިވް އިފްތިތާހުކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ހުޅުމާލެ ވޯޓަރ އެޖްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އިނީޝިއޭޓިވް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖައްމިޔާއިން ރާއްޖޭއަށް ކަނޑައަޅުވައިފައިވާ މަންދޫބް މިސް ޕޭޑެންއާއި ހެލްތު މިނިސްޓްރޫގެ އިސްވެރިންނާއި މާލެ ސަރައްހަދުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއީ 2030 ވަނަ އަހަރުގެ ނިޔަލަށް އެކަށީގެންވާ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ލިބޭނެ ގޮތް ހޯދައިދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެކެވެ. މިއީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) އަށް ވާސިލްވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މުހިއްމު ކަމެކެވެ.
މި އިނީޝިއޭޓިވްގެ މަގުސަދަކީ ގައުމީ ފެންވަރުގައި ލޮލުގެ ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް، ލޮލުގެ ފެނުމުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމެވެ.
މޯލްޑިވްސް ސްޕެކްސް 2030 ގެ ސަބަބުން ރާއްޖޭގައި ލޮލުގެ ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ކަންކަން މަގުފަހިވެ، އެންމެންނަށް ފަސޭހައިން ލޮލުގެ ހިދުމަތްތައް ލިބޭނެ ގޮތް ފަހިވެގެންދާނެއެވެ. އަދި މި އިނީޝިއޭޓިވްގެ ތެރެއިން ރާއްޖޭގައި ލޮލުގެ ސިއްހަތާއި ގުޅޭ ސްޓެރެޓެޖީއެއް ހެލްތް މިނިސްޓްރީއާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ ގުޅިގެން އެކުލަވާލެވިގެން ދާނެއެވެ.
މީގެއިތުރުން މި ސްޓްރެޓެޖީ އެކުލަވާލެވިގެންދާނީ ލޮލުގެ ސިއްހަތާއި ބެހޭ މައުލޫމާތާއި، ސްޓްރެޓެޖިކް ޕްލޭނިންގ ޓޫލްސް، އަދި ކަމާއިގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއެކުގައެވެ. ލޮލުގެ ސިއްހަތާ ގުޅޭ އައި ކެއަރ ސިޗުއޭޝަން އެނަލިސިސް ޓޫލް (އީސީއެސްއޭޓީ) ބޭނުންކޮށްގެން ރާއްޖޭގައި މިހާރު ލޮލުގެ ސިއްހަތާ ގުޅޭ ހިދުމަތްތައް ދެވޭ ގޮތް ވަޒަންކޮށް، ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމާއި ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގެ ފަހުން، ގްރޭޓަރ މާލެ ސަރަހައްދުގެ ސިއްހީ ދާއިރާގެ ފަންނީ މާހިރުންނާއި ލޮލުގެ ޑޮކްޓަރުންނާއެކު ތިން ދުވަހުގެ ޓެކްނިކަލް ވަރކްޝޮޕެއް ބޭއްވޭނެއެވެ. މި ވަރކްޝޮޕްގައި ސްޓްރެޓެޖީ އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މިކަމާއި ގުޅޭގޮތުން އަތޮޅުތަކަށް މިޝަން ފީލްޑް ދަތުރުތަކެއްވަނީ ރޭވިފައެވެ.