ޚަބަރު ރާއްޖެ

އައު ޓަރމިނަލްއަކީ ރާއްޖޭގެ އިގުތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ވަކީން ހާއްސަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ސިފަކުރައްވާފައެވެ.

 

މިއީ ދިވެހި އިގުތިސާދުގެ އެންމެ މުހިންމު އެސެޓް ކަމަށާއި އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ވެސް ވިދާޅުވިއެވެ. އަދި އެއީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައި ވެސް ވިދާޅުވިއެވެ.

 

މީގެއިތުރުން ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ ވީއައިއޭ އައު ޓަރމިނަލް މަޝްރޫއު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައި ފާހަގަކުރައްވައި، އިންތިގާލީ މަރުހަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ އެތަނުގެ ތަރައްގީކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއަރޕޯޓްގެ ތަރައްގީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ހައްގު ތައުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.

 


  • ވީއައިއޭ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް