ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސުންނަށް ދައުވަތު ފޮނުވާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ވިދާޅުވީ އެރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ދުނިޔޭގައި ތިއްބެވި ރާއްޖޭގެ ކުރީގެ ރައީސުންނަށް އެރުވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ދައުވަތު ވަރަށް އަވަހަށް އެ ބޭފުޅުންނަށް ފޮނުއްވާނެކަމަށެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު އައު ޓަރމިނަލް ހުޅުވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ގުޅުވައި، މިމަހުގެ 26 ވަނަ ދުވަހުއެވެ.
ވެލާނާ އިންޓަރނޭޝަން އެއަރޕޯޓް ހުޅުވާފައިވަނީ 1960 ވަނަ އަހަރު، ކުރީގެ ރައީސް މަރުހޫމް އިބްރާޙިމް ނާސިރުގެ ވެރިކަމުގައެވެ. އޭގެފަހުން އެކި ބޭފުޅުންގެ ވެރިކަމުގެ ދުވަސްވަރުގައި އެތަނުގެ ތަރައްގީއަށް ތަފާތު މަސައްކަތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ.
ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް މީގެ 9 ވަރަކަށް އަހަރު ކުރިން ފެށިނަމަވެސް ވޭތުވެދިޔަ 9 އަހަރުތެރޭގައި ނިންމާފައިވަނީ 54 އިންސައްތަ މަސައްކަތެވެ.