ޚަބަރު ރާއްޖެ

ސްކޫލް ދައުރުގައި ކުޅިވަރުގެ ރީތި އަހުލާގު ދަސްކުރުން މުސްތަގުބަލަށް ހެޔޮބަދަލެއް އަންނާނެ: މިނިސްޓަރ

"ސްޓޫޑެންޓްސް ވޯލްޑް ކަޕް"  އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ކުޅިރާއްޖޭގެ ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

 

އެކި ކުޅިވަރުތަކުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އިންޑިއާގެ ކުރީގެ ކުޅުންތެރިން އިސްނަގައިގެން ހިންގާ މި ހަރަކާތުގެ ބައިނަލްއަގްވާމީ "ލޯންޗިންގ" ގައި ކޮމަންވެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ލުއިސް ފްރަންޗެސްޗީ އާއި އިންޑިއާގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި މިނިސްޓަރު ބައިވެރިވެވަޑައިގެންނެވީ "ސްޓޫޑެންޓްސް ވޯލްޑް ކަޕް" ގެ ހިންގާ ކޮމިޓީން ދެއްވި ހާއްސަ ދައުވަތަކަށެވެ.

 

މި ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ވަނީ މިފަދަ ހަރަކާތެއްގެ މުހިންމުކަން ފާހަގަކުރައްވައި، ސްކޫލް ދައުރުގައި ކުޅިވަރުގެ ރީތި އަހުލާގު ދަސްކުރުމާއި، ކުޅިވަރުގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮ ބަދަލުތައް ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން މުސްތަގްބަލަށް އަންނާނެ ހެޔޮ ބަދަލުތައް ވެސް ފާހަގަކުރެއްވިއެވެ.

 

ސްޓޫޑެންޓްސް ވޯލްޑް ކަޕްގެ އަމާޒަކީ ކުޅިވަރުގެ ތެރެއިން އެކި ގައުމުތަކާއި އެކި ސަގާފަތުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ކުޅިވަރުން ކުރިއަށްދިޔުމަށް ހިތްވަރުދިނުމެވެ. މިކަން އިންތިޒާމްކުރާ ފަރާތުގެ އަމާޒަކީ ދުނިޔޭގެ އެކި ހިސާބުތަކުން 5 މިލިއަން ސްކޫލްގެ ދަރިވަރުން މިހަރަކާތުގައި ބައިވެރިކުރުމެވެ. މިގޮތުން އިންޑިއާ އިން އެކަނި 1.5 މިލިއަން ސްކޫލް ބައިވެރިކުރުމަކީ މި ހަރަކާތުގެ އަމާޒެވެ.

 


  • ސްޕޯޓްސް މިނިސްޓަރ
  • ސްޕޯޓްސް މިނިސްޓްރީ
  • އިންޑިއާ
  • ކޮމެންޓް