ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތް ފަސޭހައިން ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބައްދަލުވުމެއް ފަށައިފިއެވެ.
މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުން ފަސޭހަކުރުމަށް ބޭނުންވާނެ އާލާތްތަކާއި އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ޑަބްލިއުއެޗްއޯ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ލިސްޓު އެކުލަވާލުމަށް ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަންވާނީ ބައިނަލްއަގުވާމީ ސިޔާސަތުތަކާ އެއްގޮތަށް، ދިވެހި މުޖުތަމައަށް ކަންކަން ފަހިކުރުމަށްކަމަށެވެ.
މީގެއިތުރުން އުމުރުން ދުވަސްވުމާއި އުފަންވުމުގައި ދިމާވާ މައްސަލަތަކާއި ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން އެހީތެރިކަން ބޭނުންވާ ހާލަތްތައްއަންނަކަން ފާހަގަކުރައްވައި، އެ ނުކުޅެދުންތަކަށް ފަސޭހަކުރާ އުފެއްދުންތަކާއި އީޖާދުތަކުގެ ލިސްޓެއް އެކުލަވާލާއިރު، ދިވެހި މުޖުތަމައަށްވެސް ރިއާޔަތްކުރަންވާނެކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވެސް ވަނީ ވާހަކަދައްކަވާފައެވެ. ހީނާ ވިދާޅުވީ އެންސްޕާއިން އެކުލަވާލާ ލިސްޓާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ކަންކަން ރާވާ ހިންގުމަށް އެހީވެދޭ އާލާތްތައް ފަސޭހައިން ފޯރުކޮށްދިނުމަށް މަގު ތަނަސްވަސްވާނެ ކަމަށެވެ. އަދި ރާއްޖޭގެ މުޖުތަމައަށް ރިއާޔަތްކޮށް އެންމެ މުނާސަބު އުފެއްދުންތަކުގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.
ހީނާ އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ދެމެހެއްޓެމަށްޓަކައި ދުނިޔޭގެ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް ވެސް ހޭލުންތެރިވާންޖެހޭ ކަމަށެވެ. އަދި ނުކުޅެދދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އައު އީޖާދުތަކަށް އަހުލުވެރިވުން މުހިންމުކަމަށް ވެސް ވިދާޅުވިއެވެ.
ލިސްޓު އެކުލަވާލުމަށް އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ބާއްވާ މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ އެއް ދުވަހުގެ މުއްދަތަކަށެވެ.