ޚަބަރު ރާއްޖެ

ސާފު ނަލަ މާލެ ކެމްޕެއިންގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް

"ސާފު ނަލަ މާލެ"  ކެމްޕެއިންގެ އެމްބެސެޑަރަކަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް "ޓޫ އޮފް އަސް" ހަމަޖައްސައިފިއެވެ.

 

މިއީ މާލެ ސިޓީ ސާފުތާހިރު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ފަށާފައިވާ ކެމްޕޭނެކެވެ.

 

މި ކެމްޕެއިންގެ އެމްބެސެޑަރަކަށް އެ ބޭންޑް ހަމަޖެއްސުމަށް ފަހު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މި ބޭންޑުގެ ޖޯޝާއި، ފޯރިއާއި އުފެއްދުންތެރިކަމާއި، އެ ބޭންޑުގެ ނުފޫޒުން، މާލެ ސިޓީއަކީ ސާފުތާހިރު ނަލަ ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒިންމާދާރުކަމާއެކު، ރައްޔިތުން ބައިވެރިވެ، މާލެ ސިޓީ އަކީ، ސާފު، ނަލަ މާލެއަކަށް ހެދުމަށް ކުރަމުންދާ ތަސައްވުރު ހަގީގަތަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

 

މީގެއިތުރުން މި ކެމްޕެއިންގެ އެމްބެސެޑަރަކަށް ވުމަށް މާލެ ސިޓީ ކައުންސިލުން ދިން ދައުވަތު ގަބޫލުކުރިކަމަށްޓަކައި "ޓޫ އޮފް އަސް" ބޭންޑަށް ޝުކުރު ދަންނަވާ ކަމަށާއި މި ބޭންޑާއެކު މި ޕްރޮގްރާމް އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ކެމްޕެއިންގެ ދަށުން މާލޭ ސިޓީ ކައުންސިލުން ދަނީ މާލެ ސިޓީގެ ސާފުތާހިރުކަމާއި މާހައުލުގެ ރައްކާތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރަމުންނެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ ރައްޔިތުންގެ ބައިވެރިވުން ހޯދުމެވެ.

 

މާލެ ރީތިކޮށް ސާފުކޮށް ބޭއްވުމަކީ، ހަމައެކަނި ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މި މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މޭޔަރު މީގެކުރީން ވެސް ވަނީ ވިދާޅުވެފައެވެ.

 

ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެކެވެ. މި ބޭންޑުން ވަނީ މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ދެވަނަ ރަނަރަޕްކަން ކާމިޔާބުކޮށްފައެވެ.

 

'ޓޫ އޮފް އަސް' ގައި ހިމެނޭ މެމްބަރުންނަކީ އަހުމަދު އަދުހަމް، އަބްދުﷲ ޝަމްރޫހް، މުހައްމަދު ނަސޫހު ބިން ނަސްރުއްދީން، އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަހުމަދު ޖަޝީމެވެ.

 


  • ޓޫ އޮފް އަސް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް