ހުޅުލޭގައި އުޅަނދު ޕާކްކުރާ އުސޫލަށް ވަގުތީ ގޮތުން ބަދަލު ގެނެސްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވިދާޅުވީ މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށްޓަކައި ގެނައި ވަގުތީ ބަދަލެއް ކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ހުޅުލޭގެ ހުޅަނގު ފަރާތުގައި އޮންނަ ޕާކިންގ ޒޯން ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
ހުޅުލޭގައި މިވަގުތު އުޅަނދުތައް ޕާކްކުރުމަށް އޮންނަނީ އިރުމަތީފަޅި ނުވަތަ ބްރިޖް ހައިވޭ ދިމާލުން އޮންނަ ޕާކިންގ ޒޯނާއި ހުޅަނގު ފަޅީގައި މިވަގުތު އާންމުކޮށް މުވައްޒަފުންނާއި އެއަރޕޯޓަށް ދާ އާންމުން ބޭނުން ކުރާ ޕާކިންގ ޒޯނެވެ.
މި ބަދަލާއެކު ބުރާސްފަތި ދުވަހުން ފެށިގެން އިރުމަތީ ޕާކިންގ ޒޯނުގައި ހަތަރު ފުރޮޅުލީ އެއްވެސް އުޅަނދެއް ޕާކް ކުރުމަކީ މަނާ ކަމެއްކަމަށާއި އޭގެ ބަދަލުގައި އެތަން ބޭނުން ކުރާނީ ސައިކަލު ޕާކް ކުރުމަށް އެކަނިކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި މި ތާރީހުގެ ކުރިން އިރުމަތީ ޕާކިންގ ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާއި ހަވާލުވެހުރި ފަރާތަކުން އެ އުޅަނދުތައް ނެގުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން މި ޕާކިންގ ޒޯނުތަކުގައި އަލުން އުޅަނދުތައް ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށާއި ވަނީ ވިދާޅުވެފައެވެ. ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމަށް މިހާރު ވަމުންދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން އެ ސަރަހައްދުގެ މަގުތައް ހެދުމާއި ޓަރމިނަލް ސަރަހައްދުގެ ލޭންޑްސްކޭޕިންގ މަސައްކަތް ދަނީ ކުރަމުންނެވެ.