ޚަބަރު ރާއްޖެ

ވޭމަންޑޫ ރައްޔިތުން އުފުލަމުން އައި ތަކުލީފަށް ލުޔެއް، އައިޑީ ކާޑު ހެއްދުން ރަށުން

ކޮޅުމަޑުލު ވޭމަންޑޫން އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

 

ޑީއެންއާރުން ވިދާޅުވީ މި ހިދުމަތް އެރަށުގައި ފެށުމުން ހިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި އަމިއްލަ ރަށުގައި ތިބެގެން ހިދުމަތް ލިބިގަތުގެ އުފާ ހާސިލް ކުރެވޭނެ ކަމަށެވެ.

 

އެ އިދާރާ އިން 27 ރަށެއްގައި މި ހިދުމަތް މިހާރުވެސް ދެމުންދާއިރު، އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ފެށުމަށެވެ.

 

އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސް އުޅޭ ގައުމުތަކުގައިވެސް މި ހިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ.

 

އެގޮތުން ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް މެލޭޝިއާގައި މިހާރުވެސް ދަނީ މި ހިދުމަތް ދެމުންނެވެ.



އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ގއ. ވިލިނގިލީގައެވެ.



އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތަކީ މީގެކުރީން މާލެއިން އެކަނި ލިބޭ ހިދުމަތަކަށްވީނަމަވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން މި ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

 


  • ތ. އަތޮޅު
  • ޑީއެންއާރް
  • ހޯމް މިނިސްޓްރީ
  • ކޮމެންޓް