މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގްލޯބަލް ދެ ޕަމްޕު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.
މި ދެ ޕަމްޕު ކައުންސިލަށް ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ސާފު ކުރުން ކުރިއަށް ގެންދިއުމަށް ކައުންސިލުން ޖުލައި 20 ވަނަ ދުވަހުގެ ހެނދުނު 10 ޖަހާއިރު، މާލެ ސިޓީ ކައުންސިލްގެ އިދާރާ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮފީހުގައެވެ. މި ކަމާއިގުޅޭ އަގު ހުށެހެޅުން އޮންނާނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ހެނދުނު 9 ޖަހާއިރު، ހަމަ އެ އޮފީހުގައެވެ.
އެ ކައުންސިލުން ވިދާޅުވީ މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ކުރީ ކޮޅު ވެސް، ކައުންސިލުން ވަނީ ދަ ގްލޯބަލް ޕަމްޕް 6ޖީއެސްޓީ ސީ މޫވްމަންގެ ދެ ޕަމްޕު ގެނެސްފައެވެ. އަދި ކައުންސިލުގެ އެދުމުގެ މަތިން އެ ދެ ޕަމްޕު މިހާރު ބަލަހައްޓަމުން އަންނަނީ ޑިފެންސް މިނިސްޓްރީންނެވެ.
ކައުންސިލުން ޑިފެންސް މިނިސްޓްރީއާ ހަވާލުކުރި އެ 2 ޕަމްޕަކީ ވެސް، ފެންގަނގު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން ބޭރު ކޮށްލެވޭ ޕަމްޕެކެވެ. އަދި އެޕަމްފުން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެއެވެ. މި ފަހަކަށް އައިސް މާލޭގައި ފެންބޮޑުވާ މައްސަލައަށް އަންނަނީ ބޮޑުތަނުން ހައްލުވަމުންނެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން މާލޭގެ ކާނުތައް ސާފުކުރުމަށް މިހާތާނަށް ކުރެވުނު މަސައްކަތުން 15000 އަށް ވުރެ ގިނަ ކާނު ވަނީ ސާފުކޮށްފައިކަން ފާހަގަ ކޮށްލެވެއެވެ.