އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ޖުލައި މަހު 25 ގައި ރާއްޖެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިއީ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެމަިނިކުފާނުގެ ރަސްމީ ދަތުރުފުޅަކީ މި މަހުގެ 25 އިން 26އަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރާއެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާވެސް 60 އަހަރު ފުރޭ އަހަރެވެ.
މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާއިހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.