ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ހަވާލުކުރުމަށް ނިންމަވައިފިއެވެ.
އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ވިދާޅުވީ އުއްތަމަފަނޑިޔާރު މާދަމާއިން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ކޮމިޝަނުން ނިންމަވާފައިވާކަމަށެވެ. އަދި އެ މަގާމަށް ބޭފުޅަކު ހަމަޖެހެންދެން ސުޕްރީމްކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއާ ހަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 26 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
މުޢުތަޞިމް ވަނީ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުންނާއި ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 9 އަހަރާއި 7 މަހާއި 12 ދުވަހު ޝަރުއީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވެއެވެ.