ޚަބަރު ރާއްޖެ

ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް އިންޑިއާއެކު މަޝްވަރާކޮށްފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ޖީ. ބާލަސުބްރަމާނިއަން، ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ޒަމާންވީ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުމުގެ މައްޗަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެގައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މަތީ ދެ ގައުމުން ބިނާކޮށްފައިވާ ބަދަހި ގުޅުމުގެ މައްޗަށް ވެސް މަޝްވަރާކުރެއްވިއެވެ.

 

މީގެއިތުރުން ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެއީ ދެގައުމުގެ ގުޅުމުގެ ބިންގާކަމުގައި ފާހަގަކުރައްވާފައި ވެއެވެ. ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ވަނީ އިހުތިރާމާއެކު، ދެފަރާތަށް ގަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުއާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއްކަމުގައި ދެކިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.

 

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ނައިބުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައި މިވަނީ، މި ހިނގާ ޖުލައި މަހުގެ 25 އިން 26 އަށް، އިންޑިއާގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޝްރީ ނަރެންދުރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.

 


  • ރައީސް އޮފީސް
  • ނައިބު ރައީސް
  • އިންޑިއާ
  • ކޮމެންޓް