ޚަބަރު ރާއްޖެ

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް މޭޔަރު ބައްލަވާލައްވައިފި

ގަލޮޅު ސިޓީ ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދާގޮތް މޭޔަރ އާދަމް ޢާޒިމް ބައްލަވާލައްވައިފިއެވެ.

 

މި ޕާކު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް އެކެއްގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށް ދަނީ ފޭސް 2 ގެ މަސައްކަތެކެވެ. އެގޮތުން ފޭސް ދޭއްގެ މަސައްކަތްތަކުގެ ތެރެއިން ބާސްކެޓް ކޯޓާއި ބެޑްމިންޓަން ކޯޓުގެ ތަޅުން އަޅައި މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިޔަށް ދަނީ ލޭންޑް ސްކޭޕްގެ މަސައްކަތްތަކާއި ކަރަންޓްގެ މަސައްކަތްތަކެވެ.

 

ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން އަންނަނީ މި ޕާކުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

 

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ގެންދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކުއެވެ. މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

 

ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކު ނިމޭއިރު، މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ހާއްސަ ސަރަހައްދަކާއި އުމުރުން ދުވަސްމީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ފާރކް ތަރައްގީކުރުމުގެ މަސައްކަތަކީ މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް މޭޔަރ ޢާޒިމް ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމަނުއްވައިގެން ކުރައްވާ މަސައްކަތެކެވެ.

 

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް