މާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލް އަރުޤަމްއާއި ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުލް ސަލާމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މާލޭގައި ދާރުލް އަރުޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައިއެވެ. ހުޅުމާލޭގައި ދާރުލް ސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) އެވެ.
މި ބީލަން ހުޅުވާލާފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރުމަށްފަހު އެ މިނިސްޓްރީ އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެކުރިމް ފޯމު ހުށަހަޅަން ޖެހެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އޮގަސްޓް 5 ވާ އަންގާރަ ދުވަހުގެ ހެނދުނު 10 ޖެހުމުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ 3020252 3020212 ނަންބަރާ ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އެދިލައްވާފައިވެއެވެ.
ދާރުލް އަރުޤަމް ވަޤުފް އިމާރާތާއި ދާރުލް ސަލާމް ވަޤުފް އިމާރާތަކީ މި ސަރުކާރުން އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫއެވެ. މި ދެ މަޝްރޫއު ނިމުމާއެކު ދީނީ ކަންތައްތަކަށް ހޭދަކުރުމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.