ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގައި ބައިވެރިވުމަށް ދައުވަތު ލިބުނީތީ އުފާކުރައްވާ ކަމަށާއި އެއީ ލިބޭ ޝަރަފެއްކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ދުވަހުގެ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބޭ ޝަރަފެއް ކަމަށެވެ.
ބޮޑުވަޒީރު މޯދީ ވަނީ މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރުން އިންޑިއާ އާއި ރާއްޖޭގެ ސިޔާސީ ގުޅުމަށް ވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއި އެކު ބާއްވާ މަޝްވަރާތަކުގައި ދެ ގައުމުގެ އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރުމާއި ރަސްމީ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.