ޚަބަރު ރާއްޖެ

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.

 

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތައް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިނިސްޓަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

 

މިއީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.

 

މި ދަތުރުފުޅުގައި ދެ ގައުމުގެ ދޭދޭ ގުޅުމާއި ސަރަހައްދީ މަސްލަހަތުތަކާ ގުޅޭ މަތީފަންތީގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށާއި ގުޅުން ބަދަހިކުރުމަށް ފަހުމުނާމާތަކުގައި ސޮއި ކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވެއެވެ.

 

މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތައް އޮންނާނީ މިއަދު މެންދުރުފަހުއެވެ.

 

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މިކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 


  • އިންޑިއާ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް