ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ގާއިމްކުރި ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އިއްޔެ ހުޅުވައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ފެސިލިޓީ ހުޅުވައިދެއްވީ ހޯމް މިނިސްޓަރ ޢަލީ އިޙުސާންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީޜު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުންނާއި މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުﷲ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ހާއްސަކޮށް ގާއިމްކުރި "ޖުވެނައިލް ޑިޓެންޝަން ސެންޓަރ" 30 ޖަނަވަރީ 2022 ގައި ހުޅުވައި، ވަނީ ހިންގަން ފަށާފައިވެއެވެ.
ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުސަތުއޮންނާނެއެވެ. އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވައިދޭނެއެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވަނީ އައްސޭރި ޖަލުގެ ގައިދީންނާއި ބަންދުމީހުން އެފަރާތްތަކުގެ އާއިލާތަކާ ބައްދަލުކުރުމަށް ހާއްސަކޮށް ތަރައްގީކޮށްފައިވާ “ޢާއިލީ ހިޔާ” އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ “ހިރުނދު ހިޔާ” ވެސް ހުޅުވައި ދެއްވާފައިވެއެވެ.
މިނިސްޓަރު ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ގާއިމްނުވެ އޮތް ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ގާނޫނު ތަންފީޛުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ ހިދުމަތުގައި ވަފާތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.