އެމްޑީޕީގެ ސަރުކާރެއްގައި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓުތަކުގެ ކުލި ކުޑަކުރާނެކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި 4000 ފުލެޓުގެ ކުލި، މި ސަރުކާރުން ބޮޑުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ދެން އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އެ ފްލެޓުތަލގެ ކުލި ކުޑަކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެމަނިކުފާނު ވަނީ އެޕާޓީގެ ވެރިކަމުގައި ފެށުން ލަސްވީވެސް ހެޔޮ އަގުގައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ކުރަން ޖެހުނު މަސައްކަތުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އެމްޑީޕީ ސަރުކާރުން ކަނޑައަޅާފައިވާ ކުއްޔަކީ އެ ފްލެޓްތަކާ އެކަށީގެންވާ އަގެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން އެ އަގަކީ އެ މަސައްކަތް ކުރެވިފައިވާ ގޮތާއި ނަގާފައިހުރި ލޯނާއި މުއްދަތަށް ބެލުމަށްފަހު ކަނޑައަޅާފައިވާ އަގެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެމްޑީޕީގެ ސަރުކާރުން ނިންމައި, އިއުލާން ކުރީ އެ ސްކީމުގެ ދަށުން އެޅި ތިން ކޮޓަރީގެ ފްލެޓެއް މަހަކު 8,000 ރުފިޔާގެ ކުއްޔަކަށް ދޫކުރާ ގޮތަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް 6,000 ރުފިޔާގެ މަހު ކުއްޔަކަށް ދޫކުރާ ގޮތަށެވެ.
އެހެންނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25,000 ރުފިޔާ ނެގުމަށާއި ދެ ކޮޓަރީގެ ފްލެޓްތަކަށް 15,000 ރުފިޔާގެ އެޑްވާންސް ފީއެއް ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް 7،000 ރުފިޔާ، ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.
ހަމަމިއާއެކު ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު، ދެ ކޮޓަރިން ނަގަނީ 1,000 ރުފިޔާއެވެ.