ކުލަގަދަ ހަފުލާއަކަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ޓަރމިނަލް ހުޅުވައިދެއްވީ މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި ކުރީގެ ރައީސުން އަދި އެހެނިހެން ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިން ފަނގިފިލާ އަށް ހަދާފައިވާ މި ޓަރމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއިރު، ހަ ކޮންވޭޓަރ ބެލްޓު ހުރެއެވެ. ،އަދި ބޯޓުން ސީދާ ޓަރމިނަލަށް ފޭބޭނެ އިންތިޒާމު ވެސް މި ޓަރމިނަލާއެކު ރާއްޖޭގައި މުޅީން އަލަށް ހަމަޖެހޭނެއެވެ.
މި ޓަރމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. ސެލްފް ސަރވިސް ކައުންޓަރުތަކާއެކު 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ.