ރާއްޖޭގައި ކޮންމެ ކަމެއްކަހަލަ ގޮތަކަށް އަވަސް އަރުވާލައިގެން ނިންމާ ވާހަކައަކީ 'ތޯތޯ' ވާހަކައެއް ނޫނެވެ. ވަގުތީގޮތުން ނިންމައި، އެކަމެއް ފެށުމުން އޮންނަނީ 'ވަގުތީ ދާއިމީ' ވެފައެެވެ. ހާއްސަކޮށް އެވަގުތެއްގައި އޮންނަ ސަރުކާރަކުން އަވަސް އަރުވާލައިގެން ކުރާ ކަންކަމުގައި 'ވަގުތީ ދާއިމީ' ގެ ސިއްކަ ޖެހެއެވެ.
ކަންމިހެން އޮއްވާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުން ވެސް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މި ފާޑުކިޔުންތަކަށް އަދުގެ ރައީސް ޑރ. މުޙައްމަދު ރައްދުދެއްވީ ގައުމިއްޔަތުގެ ނަޒަރަކުންނެވެ.
ވީއައިއޭ އައު ޓަރމިނަލް ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ދިމާކޮށް ނުވަތަ އެދުވަހު ޓަރމިނަލް ހުޅުވީ އިގުތިސާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވީއައިއޭ ކަމަށް ވެފައި، އެއަރޕޯޓުގެ އެންމެ މުހިންމު ބިނާއަކީ އައު ޓަރމިނަލް ކަމަށް ވާތީ ކަމަށެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން މުޅި އިގުތިސާދު ފުޅާކޮށް ކުރިއަށްގެންދިއުމުގައި މި ޓަރމިނަލް މުހިންމު ދައުރެއް އަދާކުރާނެ ކަމަށާއި މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި އަމިއްލަ މަސްލަހަތަށް ވުރެ އަބަދުވެސް އިސްކުރަން ޖެހޭނީ ގައުމު ކަމަށާއި ރާއްޖެއަކީ ފަހުރުވެރި މާޒީއެއް އޮތް ގައުމެއްކަން ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު ގައުމު ކުރިއެރުވައި، ގައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެގޮތަށް މަސައްކަތްކުރާ ނަމަ، އަންނަން އޮތް ޖީލުތަކަށް އުފާ ފާގަތިކަމާއެކު ގައުމު ވާސިލްކޮށްދެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މި ޓަރމިނަލް ތަރައްގީކުރުމުގައި ނިމިދިޔަ ދެ ސަރުކާރުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވައި، ރައީސް އަބްދުﷲ ޔާމީން އަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. އަދި ޓާމިނަލް ތަރައްގީކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭރުގެ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.
އެއްވެސް މަސައްކަތަކީ ނިމޭނެ މަސައްކަތެއް ނޫނެވެ. ތަރައްގީއަކީ ވެސް އަބަދު ކުރިއަރައިދާ ކަމަކަށްވާއިރު، ގައުމަށާއި ރައްޔިތުންނަށް މަންފާވާނެ ކަމެއް ކަމުގައިވާނަމަ، އެކަމެއް 'ފެށެން އޮތް' ގޮތަކަށް ފެށުން މުހިންމުވަނީ ގައުމާއިު ރައްޔިތުންގެ ހައްގުގައެވެ. އަދި އެކަމެއް އިތުރަށް ތަރައްގީކޮށް، މަންފާ އިތުރުކުރެވޭނެ ގޮތްތައް ބަލައި، އެފަދަކަންކަމަށް މަގުފަހިކޮށްދިނުމަކީ އެވަގުތެއްގައި އޮންނަ ސަރުކާރެއްގެ ވާޖިބަކަށްވާނޭ ކަމުގައި ދެކެމެވެ.