ޚަބަރު ރާއްޖެ

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ރަސްމީކޮށް ހުޅުވައިފި

ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ގާއިމުކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

 

މިއީ ރާއްޖޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހުޅުވިތަނެކެވެ.

 

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި ވީ ހިނދު، ހުޅުމާލޭގައި ތަރައްގީކުރި ޖަސްޓިސް ބިލްޑިންގ އެނެކްސްއަކީ ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް، މިވަގުތަށް ހައްލު ހޯދައިދިނުމަށް ތައްޔާރުކުރި އިމާރާތެކެވެ. މި ދެ ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ މާލޭގައެވެ.

 

ރައީސް މިއަދު ހުޅުވައިދެއްވި މި ދެ ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށުމުން، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ، ދިގުލައިގެން ދިއުމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެއެވެ. މި އިމާރާތުގައި ޑްރަގް ކޯޓަށް ހާއްސަ  5 ކޯޓު ރޫމާއި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރިއާއި ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ.

 

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދެވި މި މަޝްރުޢޫގެ ދަށުން ތަރައްޤީކުރި އައު އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.

 

 

ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައެވެ. އަދި މި ކޮމްޕްލެކްސް ނިމެންދެންވެސް ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު، ޖާގަ ތަނަވަސް އިމާރާތަކަށް ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަން ވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން މި އަހަރުގެ އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި މި ދެ ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެކަމުގައި ވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގެ ފަރާތުން ރައީސް އަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގ އެނެކްސްގައި ދިވެހި ގައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

 


  • ކްރިމިނަލް ކޯޓު
  • ޑްރަގު ކޯޓު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް