ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލުގައި ފަސްވަގުތު ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސުމުން ދީނީ އިލްމުވެރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ތައުރީފުގެ ބަސްތައް ރައްދުކުރަން ފަށައިފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި ވެސް ގައުމީ ވައިގެ ބަނދަރުގައި ބަންގީގެ އަޑު އިވޭގޮތަށް ހަމަޖެއްސި ފުރަތަމަ ފަހަރެވެ.
މިކަން ހާމަކުރައްވައި، ރައީސް ޑރ. މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީގެފަހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން 5 ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
އެމަނިކުފާނުގެ މި ނިންމެވުމަށް ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަންގިއަކީ އިސްލާމީ ހިދާޔަތު ރަމްޒުކޮށްދޭ ވަރަށް މަތިވެރި ޝިއާރެއް ކަމަށެވެ. އަދި އައު ޓަރމިނަލްގައި ބަންގީގެ އަޑު އިވޭނެ އިންތިޒާމު ހަމަޖައްސަވައި، އެކަން ހާމަކުރެވިކަމަށްޓަކައި ވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ.
ޖަމްއިއްޔަތުއް ސަލަފުގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް އަދި އެ ޖަމްއިއްޔާގެ ނާއިބު ރައީސް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ރާއްޖޭގެ މައިދޮރޯށިކަމުގައިވާ ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުގައި 5 ވަގުތު ބަންގީގެ އަޑު އިވޭގޮތަށް ރައީސް ހަމަޖެއްސެވުމަކީ މި ގައުމުގެ އިސްލާމީ ވަންތަކަން ހާމަކޮށް ދެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ މިއީ ވަރަށް ތާރީހީ ކަމެއްކަމަށާއި މިއީ ހެޔޮ ފާލެއްކަމަށް ގަބޫލުކުރައްވާކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަށްވާއިރު، މި ގައުމުގެ އިސްލާމީ ވަހުދަތު ހިމާޔަތްކޮށް އިސްލާމީ ރިވެތި އާދަތައް ފެތުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އިސްކަމެއްދޭކަމެކެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، އީދު ފަދަ އެކި މުނާސަބާތަކުގައި މަގުތަކުގައި ތަކުބީރުގެ އަޑު އިއްވުން ފަދަ ހަރަކާތްތައް ފާހަގަކުރެވެއެވެ.