ރެކޯޑް ފޮތުން ޖާގަ ލިބިގެން އުފާކުރަންވީ ހެޔޮކަންތަކުގައި ކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ރެކޯޑެއް ގާއިމުކޮށް، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަހޯދުމާއި ގުޅިގެންނެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެތައް މިލިޔަން ރުފިޔާއެއް އަލިފާނަށް އަޅާ އަންދާލެވުމަކީ ފަޚުރެއް ނޫން ކަމަށެވެ. އަދި އެއީ އިސްރާފެއް ކަމަށެވެ.
" ސޫރަތުލް އަޢުރާފުގެ 31 ވަނަ އާޔަތުގައިވަނީ މިފަދައިންނެވެ. "ތިޔަބައިމީހުން އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފު ކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގެން ނުވެއެވެ."
ވީއައިއޭގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން ވަނީ އެންމެ ގިނަ ސަރަހައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އެރުމުގެ ރެކޯޑު ހަދާފައެވެ. އެ ރަސްމިއްޔާތުގައި ވަނީ ހުޅުލެ، މާލެ އަދި ހުޅުމާލެ ސަރަހައްދު ހިމެނޭހެން މިއުޒިކާއެކު، އެއްފަހަރާ 19 ސަހައްދެއްގައި ހަވާ އަރުވާފައެވެ.
އެހެންކަމުން ގިނިސް ވޯލްޑް ރެކޯޑުން ވަނީ އެއީ ދުނިޔޭގެ ރެކޯޑެއްކަމަށް ނިންމައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) އަށް މިކަމުގެ ލިޔުން ހަވާލުކޮށްފައެވެ. މި ލިޔުން ހަވާލުކުރީ އައު ޓަރމިނަލްގެ ފުރަތަމަ އެއަރލައިން އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރެކޯޑްގެ ލިޔުން ރާއްޖެއާ ހަވާލުކޮށްދެއްވީ، އެޑްޖޫޑިކޭޓަރ ފޮރ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީއެވެ.
މިއީ ވޯލްޑް ރެކޯޑްގެ މުޅިން އައު ޓައިޓަލްއެކެވެ. ރެކޯޑް ހާސިލްކުރުމަށް އެންމެ މަދުވެގެން 5 ތަނުގައި ސިންކްރޮނައިޒްޑް ހަވާ އެރުވަންޖެހޭނެކަމަށް ގިނިސް ވޯލްޑް ރެކޯޑްސް އިން ކަނޑައަޅާފައިވާއިރު، ރާއްޖެއިން ރެކޯޑް ފޮތަށް އެރީ 9 ތަނެއްގައި އެއްފަހަރާ ހަވައެރުވުމުގެ ހަރަކާތް ބާއްވައިގެންނެވެ.
މި ރެކޯޑް ހާސިލްކުރުމަށް ވިޓްނަސް ނުވަތަ ހެކިންގެ ގޮތުގައި 32 މީހުން އެޓީމުގައި ބައިވެރިވެފައިވެއެވެ. މި ފަރާތްތަކުން ވަނީ ރެކޯޑް ފޮތުގެ ގައިޑްލައިން ފުރިހަމަވާކަން ކަށަވަރުކޮށްފައެވެ.