ރާއްޖެ ރިޕޯޓް

ގައުމީ އެއަރލައިންގެ ކެބިން ކްރޫން ދިވެހި ހެދުމުގަ – ނަލައޭ ޗާލޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވީ ރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހުއެވެ. އެއީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

 

އެ ޓަރމިނަލް ހުޅުވައި، އެންމެފުރަތަމަ ހިދުމަތްދޭން ފެށީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓަށެވެ. ދިވެހީންގެ އެއަރޕޯޓުން، ދިވެހި ގައުމީ އެއަރލައިނަށް ހިދުމަތް ދޭންފެށި މި ތާރީހީ ދަތުރުގައި ގައުމީ އެއަރލައިންގެ ކެބިންކްރޫން ތިބީ ދިވެހި ގައުމީ ހެދުމުގައެވެ.

 

އަންހެން ކްރޫން ރަތްކުލައިގެ ފާސްކުރި ހެދުމުގައި އަދި ފިރިހެން ކްރޫން  ހުދުގަމީހާއި މުންޑުގައެވެ. ގައުމީ އެއަރލައިންގެ ކެބިން ކުރޫންގެ މި ހެދުންތައް ގިނަބަޔަކަަށް ވަނީ ކަމުގޮސްފައެވެ. ދިވެހީންގެ އެއަރލައިންގައި ހިދުމަތްދޭން ތިބޭ ދިވެހީން ވެސް ތިބެންވާނީ ދިވެހިވަންތަ ހެދުމެއްގައި ކަމަށް ބުނާ މީހުން މަދެއްނޫނެވެ.

 

މިއީ ކެބިންކްރޫން މިފަދަގޮތަކަށް ހެދުން އެޅި ފުރަތަމަ ފަހަރެއް ނޫނެވެ. ދިވެހި ފުރަތަމަ އެއަރލައިން ކަމުގައިވާ އެއަރމޯލްޑިވްސްގެ ކްރޫން ބޭނުންކުރީ ވެސް އެ ހެދުމެވެ. އެކަމަކު ނޫކުލައިގައެވެ.

 

ޒަމާނާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ބަދަލުވާ ބީދައިން އެކަން ވެސް ބަދަލުވީއެވެ. އެހެނެއްކަމަކު ދިވެހީންނަށް އަދިވެސް ކަމުދަނީ އަދި ކަމުދާނީ ވެސް ދިވެހިވަންތަ ހެދުންތަކެވެ. ދިވެހީންނާ ބޮޑަށް ގުޅެނީ ވެސް އެ ހެދުންތަކެވެ.

 

މީސްމީޑިއާގައި ފާޅުކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، ދިވެހީންގެ އެއަރލައިންގައި ބޭނުންކުރަން އެންމެރަނގަޅީ ދިވެހިވަންތަ ހެދުކަން ފާހަގަކޮށްފައި ވެއެވެ. އޭރުން ރާއްޖެއަންނަ ފަތުރުވެރިންނަށް ވެސް ރާއްޖެއައުމުގެ ކުރީން ރާއްޖެއާމެދު ޝައުވެރިކަން އިތުރުވާނެކަމަށް ބުނި މީހުން ވެސް މަދެއް ނޫނެވެ.

 

ކޮންމެއަކަސް ފާސްކުރި ހެދުމަކީ ކެބިން ކްރޫންނަށް އެންމެއެކަށޭނަ ހެދުމަކަށް ނުވެދާނެއެވެ. ނަމަވެސް ދިވެހިވަންތަކަމާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށް، އެފަދަ ހެދުން ބޭނުންކުރެވިދާނެއެވެ.

 

ވިސްނާލަންވީ ކަމަކީ ދިވެހި ގައުމީ އެއަރލައިންގެ ކެބިން ކްރޫން ދިވެހި ހެދުމުގައި ތިބުމުން ނަލަވެފާ، ޗާލުވާނެކަމެވެ. ގައުމީ ރޫހު އަށަގަންނާނެކަމެވެ.

 


  • ވީއައިއޭ
  • އެމްއޭސީއެލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް