ޚަބަރު ރާއްޖެ

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބާއްވާ ކޮންފަރެންސެއްގައި ރާއްޖެއިން ބައިވެރިވަނީ

ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަންގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

 

އެމިނިސްޓްރީން ވިދާޅުވީ ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަގުސަދުގައި މި ކޮންފަރެންސް ބާއްވަނީ މި ހިނގާ ޖުލައި މަހުގެ 28 އިން 29 އަށް ނިއު ޔޯކްގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ކަމަށެވެ.

 

ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ކަމަށާއި މި ކޮންފަރަންސް ގެ ޕްލެނަރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އެ މަނިކުފާނު ތަގުރީރުކުރައްވާނެކަމަށް ވެސް ވިދާޅުވެއެވެ.

 

މި ބައްދަލުވުމުގައި ރާއްޖޭގެ ބައިވެރިވުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހައާއި ހަމަޖެހުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ދެމެންދާ އެއްބާރުލުން ރަމްޒުކޮށްދެއެވެ. އަދި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފަލަސްޠީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށާއި 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ޤުދުސް އަކީ އެގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅުމަށްޓަކައި ރާއްޖެއިން ކެނޑިނޭޅި ދަނީ ވަކާލާތުކުރަމުންނެވެ.

 

މި ކޮންފަރަންސް ބޭއްވިގެން ދަނީ އދ.ގެ އާންމު މަޖިލީހުގެ ގަރާރު "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްޓައިން" ގެ ދަށުންނެވެ. ފްރާންސް އަދި ސަޢޫދީ ޢަރަބިއްޔާ އިން ރިޔާސަތު ބެލެހެއްޓެވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ޕްލެނަރީ ސެޝަންގެ ކުރިން މިނިސްޓީރިއަލް ހައިލެވެލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި މި ކޮންފަރެންސަށް އެކުލަވާލާފައިވާ ވޯކިން ގްރޫޕްތަކުގެ ނަތީޖާތައް ހުށަހަޅައި، މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 


  • ފަލަސްތީން
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް