ޚަބަރު ރާއްޖެ

މައުރޫފް ޖަމީލު، އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާދެއްވައިފި

މުހައްމަދު މައުރޫފް ޖަމީލު، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަަރގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

 

އެމަނިކުފާނު އިސްތިއުފާދެއްވާފައިވަނީ އަންނަ އޮގަސްޓް 18 ވަނަ ދުވަހު ރިޓަޔަރކުރައްވަން ނިންމަވާފައިވަނިކޮށް މިއަދުއެވެ. ނަމަވެސް ސަބަބު ސާފުވާގޮތް ވަނީ ނުވެފައެވެ.

 

ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެޗްޑީސީގެ އެމްޑީގެ މަގާމާއި މައުރޫފް ހަވާލުވެވަޑައިގެންނެވި ފަހުން، އެޗްޑީސީން ވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް އުންމީދީ ބަދަލުތަކެއް ގެނެސްފައެވެ. އަދި އެކުންފުނީގެ ހިންގުމަށް ވެސް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އައު ސްޓްރެޓެޖިކް ޕްލޭނެއް ވެސް އެކުލަވާލެއްވިއެވެ.

 

މީގެއިތުރުން ހުޅުމާލޭގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތްތައް ވެސް ކުރައްވާފައިވާއިރު، އެމަނިކުފާނަކީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭ ތަރައްގީކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

 

އެޗްޑީސީ އުފެއްދި ފަހުން ވެސް މައުރޫފް ވަނީ އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރުއްވާފައެވެ. އެމަނިކުފާނަކީ ހުޅުމާލެ ޑިޒައިން މަރުހަލާއިން ފެށިގެން އެތަން ވުޖޫދުވުމާއި ހަމަޔަށް ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވާފައި ވެއެވެ.

 

މީގެއިތުރުން ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ މައުރޫފު މިހާރުވެސް ގެންދަވަނީ އާކިޓެކްޗަރ ހެރިޓޭޖުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

 

އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފް އައްޔަންކުރެއްވީ، އެމަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް އިސްތިއުފާ ދެއްވުމުންނެވެ. އެއީ ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައެއްގައެވެ.

 

 


  • ހުޅުމާލެ
  • އެޗްޑީސީ
  • ކޮމެންޓް