ޚަބަރު ރާއްޖެ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް އަދިވެސް ހަވާލުނުކުރޭ: މޭޔަރ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލާ އަދިވެސް ހަވާލުނުކުރާކަމުގައި މާލެ ސިޓީގެ މޭޔަރ ޢާޒިމް ވިދާޅުވެއްޖެއެވެ.

 

ކައުންސިލްތަކުން ބާއްވަން ގާނޫނުގައި ލާޒިމްކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މި އަހަރުގެ ދެވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ކައުންސިލުގެދަށަށް ގެނައުމަށް އެޗްޑީސީއާއެކު މަސައްކަތްކޮށް މިހާތަނަށް ވެސް ހައްލުވެފައި ނުވާކަމަށެވެ.

 

މާލެ ސިޓީ ކައުންސިލް އޮފީސް (ކުރީގެ ތައިސޭކޮށީ) ގެ ގޯތި ތެރޭގައި ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ހުންނަންޖެހެނީ ކައުންސިލެއްގެ ބަލަދުވެރިކަމުގެ ދަށުގައިކަމަށާއި އެކަން ގާނޫނީގޮތުން ސާފުވާން އެބައޮތް ކަމަށެވެ.

 

އެހެންނަމަވެސް އެނޫން ގޮތަކަށް ހުޅުމާލޭގެ ކަންކަން އޮތްކަމަށް ގަބޫލުކުރެވޭތީ ހުޅުމާލޭގެ ރައްޔިތުންގެ ހައްގުގައި އެ ކަމަށް ވަކާލާތުކުރުމުގެ މަސައްކަތް ވެސް ވޭތުވެދިޔަ ހަމަސް ދުވަހު ކުރައްވާފައިވާ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެނައުމަށް އެޗްޑީސީ އާއެކު މަސައްކަތްކޮށް އެމް.އޯ.ޔޫ އެއްގައި ސޮއިކުރިނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ހައްލުވެފައި ނުވާކަން ފާހަގަކުރެއްވިއެވެ.

 

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގުމަށް ހުޅުމާލެ އެޗްޑީސީ އާއެކު މިހައިތަނަށް 4 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެކަމަކު އެކަން ކޮޅެއްގައި ޖެހިފައި ނުވާކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.

 


  • ހުޅުމާލެ
  • އެޗްޑީސީ
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް