މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ދިރާސާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަން ހަނދާންކޮށްދެއްވާފައެވެ.
މީގެއިތުރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައިވާ ކަމުގައި ވެސް އެ ޕޯސްޓުގައި ވެއެވެ.
މި ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ގާނޫނުގެ ދަށުން މިހާރު ކޮންޓްރޯލްކޮށްފައިވާ މަސްތުވާތަކެއްޗާއި އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމަށް ހުށަހަޅާފައި ވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވެސް އެ އިސްލާހުގައި ވެއެވެ. އަދި ރާއްޖޭގައި މަސްތުވަތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ރާއްޖެއަށް އެތެރެކޮށް ދައުރުވާ މަސްތުވާތަކެތި ހުއްޓުވުމަށާއި، އެ ވަބާގައި ޖެހިފައިވާ މީހުން އަނބުރާ މުޖްތަމައަށް ނެރުން ހަރުދަނާ ކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓުގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި، ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން މީގެކުރިން ހާމަކުރައްވާފައި ވެއެވެ.