މާލެ ސިޓީގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ފާއިތުވި ހަ މަސް ދުވަހު، 4500 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް ކައުންސިލުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެ އޮންނަނީ އަބަދު ވެސް ވަރަށް ހޫނުކޮށް ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މައިޒާންތައް ހަދައި، މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.
މިގޮތަށް މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގުތަކުގައި ހިނގާބިނގާވެ، އުޅޭ މީހުންނަށް ދުރުފެންނަން ފަސޭހަވާނެ ކަމަށާއި އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހުން ލިބި، ގަސްތައް ފެނުމުން އުފާވެރިކަން އިތުރުވާ ކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހައިތަނަށް އިންދާފައިވާ ގިނަ ގަސްތަކަކީ ކައުންސިލްގެ މުވައްޒަފުންގެ އަމިއްލަ މަސައްކަތުން ގަސް ކާނާ އަމިއްލަޔަށް ތައްޔާރުކޮށް، މުޑުވައްކޮށްފައިވާ ގަސްތަކެވެ. މާލޭގައި 3502 ގަސް އިންދާފައިވާއިރު، ވިލިމާލޭގައި 184 ގަސް އިންދާފައިވާކަމަށް ދައްކައެވެ. އަދި ހުޅުމާލޭގައި 814 ގަސް އިންދާފައި ވެއެވެ.
ކައުންސިލުން އިންދާފައިވާ ގަސްތަކުގެ ތެރޭގައި މާ ގަހާއި، ބަގީޗާ ގަހާއި ހިޔާދޭ އަދި މޭވާ އަޅާ ގަސް ހިމެނެއެވެ. އަދި ދިވެހި ރުކާއި ކަދުރު ރުއް ވެސް ހިމެނެއެވެ. ފާއިތުވި 6 މަސް ދުވަހު، އިންދާފައިވާ ގަސްތަކުގެ ތަފާސް ހިސާބުތަކާ ގުޅޭ ރިޕޯޓް މި ހާރު ވަނީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި މިއަދު ޝާއިރުކޮށްފައެވެ.