ޚަބަރު ރާއްޖެ

ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްފި

ރާއްޖޭގެ އާޓިފިޝަލް އިންޓެލިޖެންސް އެސެސްމެންޓް ރިފޯޓް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

 

މި ރިޕޯޓު އިފްތިތާހުކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަސްލާ ކުރާ މާލަމުގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އެން.ސީ.އައި.ޓީގެ ވެރިޔާ ޑރ. މުޙައްމަދު ކިނާނަތު އާއި ޔުނެސްކޯ، ސައުތް އޭޝިޔާގެ ޑައިރެކްޓަރ މިސްޓަރ ޓިމް ކާރޓިސް އެވެ.

 

މިއީ ޔުނެސްކޯގެ އިސްނެގުމުގެމަތީން އެން.ސީ.އައި.ޓީ އާއެކު ތަފާތު އެކި ދާއިރާތައް ތަމްސީލްވާގޮތަށް އެކުލަވާލި ސްޓިއަރިންގ ކޮމިޓީއަކުން ފާއިތުވީ 10 މަސްދުވަހު ކޮށްފައިވާ މަސައްކަތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓެކެވެ.

 

މި ރިޕޯޓް އެކުލަވާލާފައިވަނީ ޔުނެސްކޯއިން 2021 ވަނަ އަހަރު އެކަށައަޅައި، 193 ގައުމަކުން ތަސްދީގުކޮށްފައިވާ "ރިކޮމެންޑޭޝަން އޮން އެތިކްސް އޮފް އާޓިފިޝަލް އިންޓެލިޖެންސް" އަސާސަކަށް ބަލައިގެންނެވެ. އަދި އޭގައިވާ ގޮތުގެ މަތިން މުޖުތަމައުގެ އެންމެން ހިމެނޭގޮތަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު، އިންސާނީ ހައްގުތަކާއި ކަރާމާތް ނުގެއްލޭފަދަ ގޮތަކަށެވެ.

 

މީގެއިތުރުން މި ރިޕޯޓު އެކިުލަވައިލީ ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދޭނެ އުސޫލްތަކެއްގެ މަތިން ކަންކަން ބައްޓަންކޮށް މުޖުތަމައުގެ ލާބަޔާ މަންފާ ހިމެނޭގޮތަށް އޭ.އައި ގެ ބޭނުން ހެޔޮގޮތުގައި ހިފުމަށެވެ. އަދި މިކަންކަން ހާސިލްކުރުމުގައި ޒިންމާދާރުކަމާއި، ދެފުށް ފެންނާނޭހެން ފަރުދުންގެ ޒާތީ މައުލޫމާތަށް ރައްކާތެރިވުމަށް ބާރުއެޅުން ވެސް މި އޮނިގަޑުގެ މަގުސަދުތަކުގެތެރޭގައި ހިމެނެއެވެ.

 

ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި ރިޕޯޓުގެ ސަބަބުން ޓެކްނޮލޮޖީއާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ތަންފީޒުކުރުމުގައި އިތުރު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް އޭ.އައިގެ ރޮނގުން ކުރިއެރުން ހޯދުމުގެ ދުވެލި ބާރުވެގެންދާނެކަމަށެވެ.

 

ހަމަމިއާއެކު މި މަޝްރޫއު ހިންގަވައިދެއްވިކަމަށްޓަކައި ޔުނެސްކޯއަށާއި، "ރޭމް" ސްޓިއަރިންގ ކޮމިޓީ އަދި އެން.ސީ.އައި.ޓީގެ ބޭފުޅުންނަށް ޝުކުރުދެންނެވިއެވެ.

 

މި ރަސްމިއްޔާތުގައި މިސްޓަރ ޓިމް ކާރޓިސް އަދި އ.ދ.  އިން ރާއްޖޭއަށް ކަނޑަ އަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ މިސްޓަރ ހައޯ ޒެންގް އަދިޔުނެސްކޯގެ ސައުތް އޭޝިޔާގެ ރީޖަނަލް އޮފީހުގެ ޗީފް އޮފް ސޯޝަލް އެންޑް ހިއުމަން ސައިންސް ސެކްޓަރ، މިސް އިންސޮގ ކިމް އާއި ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޓެކްނޮލޮޖީ ދާއިރާ ތަމްސީލްކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.

 


  • ހޯމް މިނިސްޓްރީ
  • ކޮމެންޓް