ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުގެ އިންޒާރުދިން މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ބަލަން ފަށައިފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
"ޑްރަގް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބުދޭން މަޝްވަރާކުރަނީ" މި ސުރުހީގައި ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރަމުން މަސީޙް މޫސާ ނަމަކަށް ކިޔާ މީހަކު ފޭސްބުކްގައި ބުނެފައިވަނީ "އެންމެފުރަތަމަ މަރާލަން ޖެހެނީ ރައީސް މުއިއްޒު" ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވަނީ ހައްދަވާފައެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލުގައި މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ދަންނަވާފައި ކަމަށް ރައީސް ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހުއެވެ.