ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް ބޭއްވި ހަފުލާގައި އެރުވި ޑްރޯން ޝޯވގެތެރެއިން ޑްރޯންތަކެއް ވެއްޓުުނު ހާދިސާ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މައްސަލަ ކުރިއަށްދާ މިންވަރަކުން އެކަމާއިގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް، އިތުރު މައުލޫމާތު ހޯދަމުންދާނެ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރި ދުވަސްކަމުގައިވާ މި އަހަރުގެ ޖުލައި 26 ވަނަ ދުވަހުގެ ރޭ ބޭއްވި މި ހަފުލާގައި ދިމާވި މި ހާދިސާގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލް އިންނެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި އެމްއޭސީއެލް އިން ފުލުހުންނަށް ހުށަހެޅި ސިޓީ މީސްމީޑިއާގައި އާންމުވެފައިވާއިރު، އެ ހާދިސާގެ ސަބަބުން ޑްރޯން ޝޯވ އޮޕަރޭޓްކުރި ފަރާތަށާއި އެމްއޭސީއެލަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯވގައި ވަނީ ރާއްޖޭގެ ސަގާފީ ބައެއް މަންޒަރުތަކާއި ރާއްޖެ އިޝްތިހާރު ކުރުމުގެ އެކި މަންޒަރުތަކާއި ލިޔުންތައް ދައްކާފައެވެ. އަދި މި ޝޯވ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަހޯދާފައެވެ.