ޚަބަރު ރާއްޖެ

ދެ ދުވަސްތެރޭ މާލޭގެ 3 ސަރަހައްދަކުނަ 1 ޓަނުގެ ކުނި ނަގައިފި

ފާއިތުވި ދެ ދުވަހުގެ ތެރޭގައި މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފިއެވެ.

 

މިއީ މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި، ދިވެހި ފުލުހުން ގުޅިގެން ކުރި ހާއްސަ މަސައްކަތެއްގައި ނެގި ކުންޏެވެ. ކުނި ނަގައިފައިވަނީ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމައްޗާއި އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިންނެވެ.

 

މާލެ ސިޓީގެ ކޮންމެ މަގަކީ ވެސް ސާފު ތާހިރުކޮށް އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ. މަގުތަކަށް އަޅާ ކުނި ކާނުތަކަށް އެޅި، ކާނުތައް ބެދި، ވާރޭވެހޭ ދުވަސްވަރު، މަގުތަކުން ފެން ނުހިދުމުން، އޭގެ ދަތިކަން ރައްޔިތުންނަށް، އިންތިހާއަށް ކުރިމަތިވެއެވެ. މާލެ ސިޓީ ސާފުކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަށް ފުލުހުން ދެއްވާ އެއްބާރުލުން ފާހަގަކޮށް، މޭޔަރ އާދަމް ޢާޒިމް ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

 

އެމަނިކުފާނު ވިދާޅުވީ މާލެ ވިލިމާލެ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން މާލެ، ވިލިމާލޭގެ އެއްގަމާއި ފަޅުތެރެއިން ދުވާލެއްގެ މައްޗަށް 30 އާއި 40 ޓަނާ ދެމެދުގެ ކުނި ނަގާކަން ފާހަގަކުރެއްވިއެވެ.

 

ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާލެ ސިޓީގެ ކުނި މެނޭޖުކޮށް ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް މޭޔަރ ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސްކުރައްވަމުންނެވެ.

 

މިއީމާލެ ސާފު ތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގުސަދުގައި ކުރަމުންއަންނަ މަސައްކަތެކެވެ.

 

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް