މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިން އާޓްސް (އެމްއެސްޕީއޭ) ގެ ފިލްމު އެވޯޑްސް މި މަހުގެ 22 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.
އެ ސޮސައިޓީން ބުނީ އެވޯޑު ހަފުލާ ބާއްވާނީ ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ކަމަށެވެ.
މި އެވޯޑުގައި 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ފައިބެއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފީޗަރ ފިލްމުތައް ވަނީ ބައިވެރިކޮށްފައެވެ. އަދި 19 ފިލްމެއް ބައިވެރިކޮށްފައިވާއިރު، 29 ކެޓަގަރީއަކުން މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވައިލިއެވެ.
މިއީ ރާއްޖޭގައި އުފައްދާ ދިވެހި ފިލްމުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި ފިލްމު އުފައްދާ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގްސަދުގައި ދޭ އެވޯޑެކެވެ. އަދި އެފަރާތްތައް ކުރިއެރުވުމާއި އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ވާދަވެރި މާހައުލެއްގައި މޮޅު އުފެއްދުންތަކެއް އުފެއްދުމަށް ހިތްވަރު ދިނުމަކީ ވެސް މަގްސަދެކެވެ.
މި އެވޯޑު މީގެކުރީން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ފެސްޓިވަލް ބާއްވާނެ ޖާގައެއް ލިބިފައިނުވާތީ މިހައިތަނަށް ވެސް ފަސްކުރަން ޖެހުނީ ކަމަށް އެމްއެސްޕީއޭ އިން ހާމަކުރެއެވެ.