ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހު ގެންނަނީ ކައުންސިލްތަކުގެ އަތް ބަނދެލަން ކަމުގައި މާލެ ސިޓީ މޭޔާރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެންނެވެ.
'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި އާޒިމް ވަނީ އެއީ 1 އަހަރު ދުވަހަށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވާލުމުގެ ބޭނުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ. އަދި މުޅި އިސްލާހުގެ ބޭނުމަކީ މާލެ ސިޓީ ކައުންސިލާއި އެހެނިހެން ސިޓީކައުންސިލްތަކުގެ އަތް ބަނދެލުން ކަމަށެވެ.
" ގާނޫނުގެ ދިގު އަތުން ކައުންސިލްތަކުގެ ކަރުގައި ހިފާ ފިތާ ވަގުތީ ގޮތުން ހޭ ނައްތާލުން."
މީގެއިތުރުން އެ އިސްލާހަކީ ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެންވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެންވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި، ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުމުގެ ބޭނުމުގައި ހުށަހެޅި އިސްލާހެއް ކަމަށް ވެސް ވިދާޅުވިއެެ.
މޭޔަރު އިތުރަށް ވިދާޅުވީ ސަރުކާރުން މި އިސްލާހު ހުށަހެޅީ ރައްޔިތުން މި ނިޒާމަށް ފޫހިކޮށްލާ މައިސަރުކާރަށް ޑިޕެންޑްވާންޖެހޭކަން ހަނދާންކޮށްދީ މުޅި ނިޒާމު ޚަރާބުކުރުން ކަމަށެވެ. އަދި މިއީ މިނިޒާމުގެ ނިމުމުގެ ފެށުންކަމަށްވެސް ވެދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު ވީހާގިނަ ކައުންސިލަތަކުން މިކަމާއި ދެކޮޅަށް ތެދުވާންޖެހޭ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް މިނިސްޓްރީން ބަލާނީ ކައުންސިލްތަކުގެ ބާރުގަދަކޮށް ނިޒާމު ރަނގަޅުކޮށް ކައުންސިލްތަކުގެ ހިންގުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށާއި ނަމަވެސް މިރާއްޖޭގައި ކައުންސިލް މިނިސްޓްރީ މިއުޅެނީ ކައުންސިލްތަކުގައި 1 އަހަރު ދުވަހަށް ތަޅެއްލާން ކަމުގައި މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވަނީ މިއީ އިހުލާސްތެރި ނިޔަތެއްގައި ގެންނަ އިސްލާހެއްނަމަ، އެއްވެސް އިންތިހާބަކާއި 365 ދުވަހަށް ކައިރިވުމާއެކު އިތުރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހުއްޓާލަން ސަރުކާރަށް ކެރޭނެތޯ ސުވާލުކުރައްވާފައެވެ. ނޫނީ ވަޒީފާއަކަށް މީހުން ނުނަގައި ތިބެން ކެރިދާނެތޯ ވެސް ސުވާލުކުރައްވާފައި ވެއެވެ.
މިމޭރުމުން ވިދާޅުވީ މިހާރުވެސް ކައުންސިލް އިންތިހާބާއި ދިމާކޮށް އެތައް ބަޔަކު ވަޒީފާތަކަށް ނަގަން ސަރުކާރުން އުޅެނީ ލިސްޓްތައް ހަދައިގެން އެސްއޯއީތަކަށް ހުށަހަޅައިގެންކަމަށް ޚަބަރުލިބޭ ކަމުގައި ވެސް ވިދާޅުވެފައި ވެއެވެ.