ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޟުންނަށް ދޭ އެލަވަންސް 4000 ރުފިޔާ އަށް ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޟުންގެ އެލަވަންސް މިހާރުވަނީ ބޮޑުކޮށްފައި ކަމަށެވެ.
"ސަރުކާރުން ދެމުން ދިޔަ 2000 ރުފިޔާގެ އެލަވަންސް ވަނީ 4 ހާސްރުފިޔާއަށް ބަދަލުކޮށްފަ. މިއަދު ވަނީ ހާފިޟުންނަށް އެލަވަންސް ބޮޑުވެ ޖަމާކޮށްފަ."
ހާފިޟުންނަށް ދޭ އިނާޔަތް 4000 ރުފިޔާ އަށް ބޮޑުވާނެ ކަމުގައި ރައީސް ޑރ. މުޢިއްޒު އިއުލާން ކުރައްވާފައިވަނީ ޖޫން 24 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދު ވެފައިވާ ފަދައިން ހާފިޟުންނަށް ދޭ އެލަވަންސް 1 ޖުލައި އިން ފެށިގެން ދެ ގުނައަށް ބޮޑު ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.
ހާފިޟުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް ކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ލިބޭ އިނާޔަތް ދެގުނަ ކުރަން ނިންމެވިކަން ރައީސް އެންމެފުރަތަމަ އިއުލާނުކުރެއްވީ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ފައިބެއަހަރުގެ ޖުލައި 16 ގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ހާފިޟުންކަމުގެ ސަނަދު ހާސިލްކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ހާއްސަ އިނާޔަތް ކަނޑައަޅާނީ ރައީސް އޮފީހުގެ ލަފާގެ މަތިން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުންނެވެ. މި އިނާޔަތް ދާއިމީ ގޮތެއްގައި ކޮންމެ މަހަކު ހާފިޟުންނަށް ލިބޭނެއެވެ.