ހއ. މުރައިދޫ މިސްކިތާއި ގއ. ގެމަނަފުށި މިސްކިތް މަރާމާތު ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މުރައިދޫ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއެވެ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
މި ދެރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، މިހައިތަނަށް އައިއިރުވެސް ގިނަ މަސައްކަތް ހުރީ ނުނިމިއެވެ.
މުރައިދޫއާއި ގެމަނަފުށީގައި ވެސް މިސްކިތް އިމާރާތްކޮށް ނިމޭއިރު، ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިންގ އަދި ވަށާފާރާއި ލައިބްރަރީއެއް އަޅާނެއެވެ. އަދި 300 މީހުންގެ ޖާގައިގެ މި މިސްކިތްތައް ފަރުމާކޮށްފައިވަނީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާގޮތަށެވެ.
މި ދެ މިސްކިތް އެޅުމަށް ދައުލަތުގެ ބަޖެޓުން 7.7 މިލިޔަން ރުފިޔާ ހަރަދުކުރާއިރު، މުރައިދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމުމަށެވެ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ނިންމަން ޖެހެނީ 240 ދުވަހުގެ ތެރޭގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރު 13 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ގޮތުން ހއ. ދިއްދޫގައި ޤާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމަށްވެސް ހަމަޖެހިފައިއެވެ. އަދި މިއަހަރުގެ ތެރޭގައި 4 ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް ބިނާކުރުމަށް ހަވާލުކުރެވޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.