ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ހަމަޖެއްސެވީ ގާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވާކުރެއްވުމަށްފަހު ޢަބްދުލްޣަނީ ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.
ޢަބްދުލްޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ.
މީގެއިތުރުން ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
މި މަގާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް އެމަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. އަދި އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރގެ މަގާމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި ގެންދެވީ ކިޔަވައިދެއްވަމުންނެވެ.
އެމަނިކުފާނުގެ ހިދުމަތުގެ ދިގު ތާރީހުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.