މާލެ ސިޓީ ކައުންސިލުން ކުރާ ހުރިހައި ކަމެއް ކުރާނީ އެއްވެސް ފޮރުވުމެއްނެތި ކަމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 206 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މޭޔަރުކަމަށް ވަޑައިގަތީ، ދެފުށް ފެންނަ، ހާމަކަން ބޮޑުގޮތެއްގައި، ކަންކަން ކުރުމަށް ވައުދުވެގެން ކަމަށެވެ. އަދި އެ ވައުދާ އެއްގޮތަށް ޢަމަލުކޮށް، އެ ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށެވެ.
މީގެއިތުރުން އެ މަނިކުފާނު އޮޑިޓް ނުކުރައްވާ ވާހަކައާއި، ކަންކަން ނުބައްލަވާ ކަމަށް ބައެއް ފަރާތަކުން ދައްކާ ވާހަކަތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ އެކައުންސިލުން ކުރިޔަށް ގެންދާ ޕްރެޖެކްޓަތަކުގެ އިވެލުއޭޝަން ރިޕޯޓް ކައުންސިލަރުންނަށް، ހިއްސާކޮށްފައިވާ ކަމަށް މާލެ ސިޓީކައުންސިލުގެ 4 ވަނަ ދައުރުގެ 48 ވަނަ ރަސްމީ ޢާއްމު ޖަލްސާއިން ނިންމާފައިވާކަމަށް އެ ޖަލްސާގެ ރެކޯޑްތަކުން ދައްކާކަމަށެވެ.
އޭރު މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމުގައި ހުންނެވީ، މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެހެންނަމަވެސް، އެ ރެކޯޑްތައް މާލެ ސިޓީ ކައުންސިލުން މިހާރު ފެންނަން ނެތް ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ޖަލްސާއަށް ވަޑައިގެންނެވި ކައުންސިލަރުންގެ އަތްޕުޅުގައި އެ ރެކޯޑްތައް ހުރިނަމަ، އެ ހިއްސާކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މޭޔަރު އިތުރަށް ވިދާޅުވީ މާލެ ސިޓީގެ ކުރާ އެއްވެސް ކަމެއްގެ ރެކޯޑެއް އަދި މައުލޫމާތެއް ވެސް ހާމަނުކޮށް، ހިފެހެއްޓުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.