ޚަބަރު ރާއްޖެ

ފަނޑިޔާރުކަމަކީ މުޅި އުމުރަށް އުފުލަންޖެހޭ ޒިންމާއެއް: މުހްތާޒު

ފަނޑިޔާރުކަމަކީ ވަޒީފާއެއް ނޫން ކަމަށާއި އެއީ މުޅި އުމުރަށް އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމާއިގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

އެ ޕޯސްޓުގައި ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ޙަމީދު އަދި ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު އަކީ ފަނޑިޔާރުކަމުގެ މަގާމުގައި ތިއްބަވަނިކޮށް ކުރީގެ ސަރުކާރުން، މަގާމުން ވަކިކުރައްވާފައިވާ ދެބޭފުޅުންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރެއްވި ނަމަވެސް އެދެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން އަމިއްލަފުޅަށް ދިފާއުވުމަށް އެކަމަށް ރައްދުދެއްވައި، ޝަރުއީދާއިރާއަށް ފާޑުކިޔައި މީޑިއާގައި ވާހަކަ ދައްކަވާފައެއް ނުވާކަން ވެސް ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރުން އެދެބޭފުޅުން އެދުވަހު ހިމާޔަތްކުރެއްވީ ޝަރުއީދާއިރާގެ އަގު ކަމަށާއި އެދެބޭފުޅުންގެ ފަރާތުން ފެނިގެން ދިޔައީ ފަނޑިޔާރުންގެ ހަގީގީ ސުލޫކު ކަމަށް ވެސް މުހްތާޒު ވިދާޅުވެފައި ވެއެވެ. އަދި މިއަދު، ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ޙަމީދު އެއީ ސުޕްރީމް ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރެއް ކަމަށާއި ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު އަކީ ދިވެހިރާއްޖޭގެ 5 ވަނަ އުއްތަމަ ފަނޑިޔާރުކަން އެ ޕޯސްޓުގައި ފާގަގަކުރެއްވިއެވެ.

 

މުހުތާޒު އިތުރަށް ވިދާޅުވެފައިވަނީ އެބޭފުޅުން އެދުވަހު ޝަރުއީދާއިރާގެ އަގުހިފެހެއްޓެވުން ދައްކުވައިދިނީ އެދެބޭފުޅުންގެ ހިއްވަރުގަދަކަން ކަމަށާއި އެދާއިރާއަށް އޮތް ލޯތްބާއި ކުރެއްވި އިތުބާރު ކަމަށެވެ. އަދި ފަނޑިޔާރުންގެ ގޮތުގައި އެދެބޭފުޅުންގެ އެނބުރި ވަޑައިގަތުން ދައްކުވައިދެނީ ޢަދުލުވެރިކަން އަބަދުވެސް ކުރި ހޯދާނެކަން ކަމުގައި ވެސް ވިދާޅުވިއެވެ.

 


  • އުއްތަމަ ފަނޑިޔާރު
  • ސްޕްރީމް ކޯޓު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް